މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމުގައާއި، ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން، ކަލާފާނު ސްކޫލްގައި ޤާއިމު ކޮށްފައިވާ ކްރައިސިސް ރިލީފް ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، ސަރުކާރުގެ އިދާރާތަކާއި، އެކިއެކި ޖަމިއްޔާތަކުންނާއި، އަމިއްލަ ފަރާތްތަކުން ގުޅިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި މާލެއާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތުގެ އަދާހަމަ މަޢުލޫމާތުވެސް ސާފުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ، މިއަދު މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވާފައެވެ. ތިރީގައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޓްވީޓް ކުރެއްވި މެސެޖެވެ. 

"މިއަދު މާލެއަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން، މާލޭގެ ގިނަ ރައްޔިތުންނަށް ދިމާވި ދަތި އުނދަގުލަށްޓަކައި ހިތާމަ ކުރަމެވެ. އަދި ހާލުގައި ޖެހުނު އާއިލާތަކަށް އަޅުގަނޑު ހަމްދަރުދީ ވަމެވެ. ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރާއި، ސިފައިންނާއި، ފުލުހުން، އަދި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި، މޯލްޑިވިއަން ރެޑް ކްރެސެންޓް، އަދި އާންމު ފަރުދުން ދަނީ މަގުތަކުގައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީ ފޯރުވުމުގެ މަސައްކަތް ކުރަމުންނެވެ. މި ފުރުޞަތުގައި ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރަށާއި، އެމް.އެން.ޑީ.އެފް އަށާއި، މޯލްޑިވިއަން ރެޑް ކްރެސެންޓަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، އަދި މި ކަމުގައި އެހީތެރިވެދެއްވާ އާންމު ރައްޔިތުންނަށް އަޅުގަނޑު ޝުކުރު އަދާ ކުރަމެވެ."