ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް، “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ މެމްބަރުންނަށް މަޤާމުގެ ލިޔުން މިއަދު ހަވާލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފައްދަވާފައިވަނީ 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 14/2018 އިންނެވެ. އަދި، 3 ޑިސެންބަރު 2018 ވީ ހޯމަ ދުވަހު ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 16/2018 އިން، މި ކޮމިޝަނަށް އަލުން  ބޭފުޅުން ކަނޑައަޅުއްވައި އައްޔަން ކުރެއްވިއެވެ.

 ތިރީގައި މިވަނީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ.

 1.   އަލްފާޟިލް އަޙްމަދު އަސްޢަދު،           މާތޮޑާއަވަށް. ގުލްފާމުގެ، ގދ. ފަރެސްމާތޮޑާ

2.   އަލްފާޟިލް ޢާޞް ޢަބްދުﷲ،             ދަޑިމަގު. ގާޑެންގްރޯވ، ޏ. ފުވައްމުލައް

3.   އަލްއުސްތާޛު ނަދީމް އިބްރާހީމް،           ދަފްތަރު ނަންބަރު ރސ 7006     

4.   އަލްފާޟިލާ އާމިނަތު ޙަސަން،            މ. މިރުސްގަސްދޮށުގެ 

5.   އަލްފާޟިލާ ފާޠިމަތު ސަރީރާ ޢަލީ ޝަރީފު،         ދަފްތަރު ނަންބަރު ދރ 1320

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އަޙްމަދު އަސްޢަދެވެ.

 މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަން އުފައްދަވައި ނެރުއްވި ޤަރާރުގައި ވެއެވެ. އަދި، އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށްވެސް، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުފެއްދެވި ޤަރާރުގައި ވެއެވެ.