ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ އެޑްވައިޒަރ އަދި ޕާލިމެންޓް މެންބަރު މިސްޓަރ ކެންޓަރޯ ސޮނޮއުރާ، އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްޓަރ ކެންޓަރޯ ސޮނޮއުރާ ރާއްޖެ ވަޑައިގެންވެވިކަމަށްޓަކައި ޝުކުރުއަދާކުރައްވައި، މަރުޚަބާ ވިދާޅުވެފައެވެ.

ރާއްޖެއާއި ޖަޕާނާ ދެމެދުގައި 1967 ވަނަ އަހަރު ދޭދޭ ގުޅުން ޤާއިމުކުރީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަމަށާއި މިގުޅުމަކީ އިތުބާރާއި، އެއްބަޔަކު އަނެއްބަޔަކު ދެނެގަތުމުގެ މައްޗަށް ބަރޯސާވެފައިވާ ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. ރާއްޖެއިން އިރުމަތީ އޭޝިޔާ ސަރަޙައްދުގައި ޤާއިމު ކުރި ފުރަތަމަ އެމްބަސީ ޤާއިމުކޮށްފައިވަނީ ޖާޕާނުގައިކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ މިކަމުން އެކަނިވެސް ރާއްޖެއިން ޖަޕާނަށް ދޭ އަހައްމިއްޔަތު އެނގިގެންދާކަމުގައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުން އަބަދުވެސް ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ވާހަކަފުޅުދައްކަވަމުން މިސްޓަރ ކެންޓަރޯ ސޮނޮއުރާ ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސް ޞާލިޙަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ރާއްޖެއާއި ޖަޕާނަކީ ގިނަ ކަންކަމުގައި ޚާއްޞަކޮށް ބައިނަލްއަޤްވާމީ ކަންކަމުގައި އެއްގޮތް ވިސްނުންގެންގުޅޭ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ދެބޭފުޅުން ވަނީ ރާއްޖެއާއި ޖަޕާނާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. މިގޮތުން، ޞިއްޙީ ދާއިރާއާއި، މިލިޓަރީ ގުޅުން ބަދަހިކުރުމާއި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މިސްޓަރ ކެންޓަރޯ ސޮނޮއުރާ ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިސްޓަރ ކެންޓަރޯ ސޮނޮއުރާ ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާ މި ގުޅުން އެކި ދާއިރާތަކުން ކުރިޔަށް އޮތް ދުވަސްތަކުގައި ބަދަހިވެގެނދާނެކަމުގައި ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައެވެ.