ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ޞިއްޙީ މަރުކަޒް ރައީސް މުޙަންމަދު ނަޝީދު މިއަދު ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު ޞިއްޙީ މަރުކަޒް ހުޅުއްވައިދެއްވީ މިއަދު ވަރަށް ހަވީރުގެ ވަގުތެއްގައި އެރަށަށް ޒިޔާރަތް ކުރައްވައެވެ.

ރިނބުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރިނބުދޫ ޞިއްޙީ މަރުކަޒް ހުޅުއްވައިދެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފެއްކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެމަރުކަޒުން އިތުރު މަސައްކަތްތައް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރިނބުދުއަށް ކުރިމަތިވެފައިވާ ބަނދަރުގެ ދަތިކަމުގެ މައްސަލައަށް ބައްލަވާލައްވަމުން، މިސަރުކާރުން ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަވާނީ ރައްޔިތުންނާ މަޝްވަރާ ކުރައްވައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައި ވިދާޅުވިއެވެ. އަދި މިސަރުކާރުގެ ވިސްނެވުމަކީ ރިނބުދޫން މީހުން ބޭލުން ނޫން ކަމަށާއި، މިސަރުކާރުން ރިނބުދޫ ފަޅުވިޔަނުދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރިނބުދޫގައި ފަޅުވެފައިހުރި ގެތައް މަރާމާތު ކުރައްވައިގެން ޓޫރިޒަމްގެ ބޭނުމަށް ބޭނުންހިފޭނެ ގޮތެއް ހަމަޖައްސަވަން ގަސްދުކުރައްވާކަންވެސް ރައީސް ނަޝީދު ހާމަކުރެއްވިއެވެ.

ރިނބުދޫ ޞިއްޙީ މަރުކަޒް ރައީސް ހުޅުއްވައިދެއްވުމަށްފަހު އެމަރުކަޒް ބައްލަވާލެއްވިއެވެ. އަދި ރިނބުދޫ މަދަރުސާއަށް ޒިޔާރަތްކުރައްވައި މަދަރުސާގެ ކަންތައްތައްވެސް ބައްލަވާލެއްވިއެވެ. މީގެއިތުރުން، ރަށުގެ އިސްބޭފުޅުންނާވެސް ރައީސް ބައްދަލުކުރެއްވިއެވެ.