ރާއްޖޭގައި ވިޔަފާރީގެ އުޞޫލުން ކަންކަން ހިންގާނެ ވަރަށްގިނަ ވިޔަފާރިވެރިން ދުނިޔޭގައި އެބަތިބިކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުން ތަޢާރުފް ކުރެއްވުމުގެ މަސައްކަތު ބައްދަލުވުންތައް ނިންމުމުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫގައި މިރޭ ބޭއްވެވި މިޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ އުޞޫލުން ކަންކަން ހިންގުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން މިއުޞޫލަށް ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި ތަރުޙީބު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް މިހާތަނަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި ހާސިލު ކުރެއްވުނު ނަތީޖާތަކުގެ މައްޗަށް ވަރަށް ތަފްޞީލު ގޮތެއްގައި ބައްލަވާލެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ކުޑަހުވަދޫގައި 300 ފްލެޓް ޢިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަން ހާމަކުރެއްވިއެވެ. އަދި ފްލެޓް އެޅުމުގެ މަސައްކަތް ކުރެއްވޭނެ ކަމުގެ އިތުބާރު މިއަދު ކުރިއަށްވުރެ މާބޮޑު ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން މިކުރައްވާ މަސައްކަތްތަކުގެ ތެރެއަށް ކޮރަޕްޝަން ނުވަދެ، ނާޖާއިޒު ފައިދާއާއި، ޚިޔާނާތާއި، ވައްކަން ނުވަދެ، އެމަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަ އޮންނަނީ އެންމެ އުޞޫލެއް ކަމަށާއި، އެއީ ދެފުށް ފެންނަ ގޮތަށް ކޮންމެ ކަމެއްވެސް އިޢުލާނު ކޮށްގެން، ޢާންމުކޮށް ހުޅުވާލައިގެން ކޮންމެ ބަޔަކަށްވެސް ބައިވެރިވެވޭގޮތަށް އެމަސައްކަތްތައް ކުރުންކަން ރައީސް ބަޔާންކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ކުޑަހުވަދޫ ރައްޔިތުންގެ ފަރާތުން ރައީސް މުޙަންމަދު ނަޝީދަށް ހަނދާނީ ފިލައެއް އެރުވިއެވެ. މި ފިލާ ރައީސަށް އެރުއްވީ ކުޑަހުވަދޫ ކައުންސިލަރ އަލްފާޟިލް ޝާޠިރު ޢަބްދުއްރަޙްމާނެވެ.