މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމް.އެން.އޭ.ސީ.އައި) ގެ 16 ވަނަ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، އެމް.އެން.އޭ.ސީ.އައިގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އެމް.އެން.އޭ.ސީ.އައިގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންވަނީ އެމް.އެން.އޭ.ސީ.އައި ގެ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމުގައާއި، ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއާ ގުޅުން ހުރިކަންކަމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި ސަރުކާރާއި، އަމިއްލަ ޖަމުޢިއްޔާތަކާއި، ވިޔަފާރިވެރިން ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިންމުކަން އެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެމް.އެން.އޭ.ސީ.އައިގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ހުށަހެޅުއްވި މައްސަލަތައް ބައްލަވައިދެއްވާނެކަމަށާއި، އެބޭފުޅުންގެ މަސައްކަތް ކުރިޔަށްގެންދިޔުމުގައި ދިމާވާ ދަތިތަކާއި މައްސަލަތަކަށް ޙައްލު ހޯދުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމް.އެން.އޭ.ސީ.އައިގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރަމްޒީ ފިލައެއް ވެދުންކުރައްވާފައެވެ.