އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ އަކިލޭޝް މިޝްރާ އާއި އަނބިކަނބަލުން މިސް ރީޓީ މިޝްރާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އަކިލޭޝް މިޝްރާ އާއި އަނބިކަނބަލުން ރީޓީ މިޝްރާއަށް މަރުޙަބާ ވިދާޅުވެ މިފަދަ ޒިޔާރަތެއް ކުރެއްވި ކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިގުޅުން ކުރިއަށް އޮތްތާނގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ހިޒް އެކްސެލެންސީ މިސްޓަރ އަކިލޭޝް މިޝްރާ ދެއްކެވި ވާހަކަފުޅުގައި، އާސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ކާމިޔާބުކަމާއެކީ ފުރިހަމަކޮށްދިނުމުގައި، އިންޑިޔާއިން އެއްބާރުލުން ދެއްވާނެމަށާއި، ތަޢުލީމީ، އަދި ފަންނީ ރޮނގުންނާއި އެހެނިހެން އިޖްތިމާޢީ ރޮނގުތަކުން ރާއްޖެއަށް އެއްބާރުލުން ދެއްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ޒުވާނުންގެ ހުނަރުވެރިކަން ފާހަގަކުރައްވައި ޒުވާނުން އިތުރަށް ބާރުވެރިކުރުވުމަށް، އިންޑިޔާއާއި ގުޅިގެން ކުރިޔަށް ގެންދެވޭނެ ކަންތައްތަކާއި ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދެއްކެވިއެވެ.