ރައީސް މުޙަންމަދު ނަޝީދު، މުލަކަތޮޅު މުލަކަށް ވަޑައިގެން މުލަކު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ބައިވެރިވުމާއެކީގައި ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މުލަކުގައި 150 ފްލެޓް ޢިމާރާތް ކުރެއްވުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށާއި، އެރަށުގައި ނަރުދަމާ ޤާއިމުކުރެއްވުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށްޓަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މުލަކުގެ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދްމަތްދޭ ތަނަކަށް ހަމަޖައްސަވައި ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. މީގެއިތުރުން، އެރަށުގައި މަސްބަނދަރެއް ހެއްދެވުމުގެ ޚިޔާލު ގެންގުޅުއްވާ ކަމަށާއި، އެމަޝްރޫޢުގެ މަސައްކަތް ދާދި އަވަހަށް ފަށްޓަވާނެކަންވެސް ހާމަކުރެއްވިއެވެ.

ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި އެކަންކަން މިހާރު ގޮސްފައިވާ ހިސާބުވެސް މުލަކު ރައްޔިތުންނަށް ރައީސް ނަޝީދު އޮޅުންފިލުއްވައިދެއްވިއެވެ.