އެމެރިކާގެ 41 ވަނަ ރައީސް، ޖޯޖް ހަރބަރޓް ވޯކަރ ބުޝް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ހަރބަރޓް ވޯކަރ ބުޝް އަވަހާރަވުމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއިއެކު ކަމުގައި ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ‏‏ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެމެރިކާގެ ރައްޔިތުންނަށާއި އަދި ޚާއްޞަކޮށް އެމެރިކާގެ ކުރީގެ ރައީސް، ބުޝްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ރައީސް ޖޯޖް ހަރބަރޓް ވޯކަރ ބުޝްއަކީ ޤައުމީ ޚިދުމަތުގައި ގިނަ އަހަރުތަކެއްވަންދެން ނަމޫނާ ދެއްކެވި ހިތްވަރުފުޅުގަދަ، އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް ފުރިހަމަޔަށް އަދާކުރެއްވި ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، ރައީސް ބުޝްވަނީ 2005 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނާއެކު ރާއްޖެ ވަޑައިގެން، 2004 ވަނަ އަހަރު ކުރިމަތިވި ފަނާކުރަނިވި ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކާއި ބައްދަލުކުރައްވާފައިކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ބުޝްގެ ބާރުއެޅުއްވުމާއެކު ސުނާމީއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އ.ދއިން ރާއްޖެއަށް އިތުރު އެހީތައް ލިބުމަށް މަގުފަހިވެގެންދިޔަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. މިކަމުގެ ސަބަބުން ގިނަ ދިވެހިންގެ ހިތްތަކުން ރައީސް ބުޝްއަށް ޚާއްޞަ ޖާގައެއް ދެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.