ޖަޕާނަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ގިނަ އެހީތަކެއްވާ ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ޖަޕާނުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޮޓެލް ޖެންގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖަޕާނުގެ އެމްޕެރަރއަށާއި، ޝާހީ އާއިލާއަށާ އަދި ޖަޕާނުގެ އެންމެހާ ރައްޔިތުންނަށް ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޖަޕާނާއި ދެމެދުގައި ޒަމާނުއްސުރެ އޮންނަ ރަޙްމަތްތެރި ގާތް ގުޅުމާއި، އިތުބާރާއި އެއްޤައުމު އަނެއް ޤައުމު ދަންނަ މިންވަރު ހާމަކުރެއްވިއެވެ. އަދި ރާއްޖެއަށް ޖަޕާނު ސަރުކާރުން ކޮށްދެއްވާފައި ހުރި ބައެއް ކަންތައްތައް ފާހަގަކުރައްވައި އެކަންތައްތަކުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުރިމަގުގައި ރާއްޖެއާއި ޖަޕާނު ގުޅިގެން އިތުރު ކަންކަން ކުރިއަށްގެންދިއުމާއިއެކު ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވުމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.