ދުނިޔެ ރަނގަޅު ތަނަކަށް ހެދުމަށް އެންމެން ގަދައަޅާ މަސައްކަތްކުރަންވާނެ ކަމުގައި ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ހަވީރު "މާފުށީ  އެޑިއުކޭޝަނަލް ޓްރެއިނިންގް ސެންޓަރ ފޮރ ޗިލްޑްރެން" (އީ.ޓީ.ސީ.ސީ) ގައި ބޭއްވެވި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ 20 ވަނަ ނޭޝަނަލް ޕެޓްރަލް ލީޑާސް ޓްރެއިނިންގް ކޭންޕް އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ބައިވެރިންނަށް މި ތަމްރީނުގެ އެހީގައި ދިރިއުޅުމުގެ ގިނަގުނަ   އުކުޅުތައް ދަސްވާނެކަމަށާ އަދި ހުރިހާ އެންމެންވެސް ކޮންމެދުވަހެއްގެ ނިމުމުގެ ކުރިން ރަނގަޅު ކަންކަން ކުރެވިފައި ހުރި މިންވަރު އަޅައި ކިޔަންޖެހޭކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޝަރަފުގައި ގާލް ގައިޑުންގެ ފަރާތުން "ގާރޑް އޮފް އޮނަރ" އެއް އެރުވިއެވެ. އެއަށްފަހު ކޭމްޕް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން އެކަމަނާވަނީ ކޭންޕުގެ ދިދަ ނަންގަވައިދެއްވައިފައެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ ކޭމްޕްގެ ބައިވެރިންނާއިއެކު ފޮޓޯފުޅެއް ނަންގަވައި، ތަމްރީން ޕްރޮގްރާމްގައި ހިނގަމުންދިޔަ ބައެއް ކޭމްޕްތަކަށްވެސް ޒިޔާރަތްކުރައްވައިފައެވެ.

ނޭޝަނަލް ޕެޓްރަލް ލީޑާސް ޓްރެއިނިންގް ކޭންޕަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.