ޔޫރަޕިއަން ކޮމިޝަނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މިސްޓަރ ބާރނާޑް ސަވާޖާ, ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ދުނިޔޭގައިވާ ފުރަތަމަ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު އިޢްލާން ކުރައްވާފައިވާ ކަމަށް ވިދާޅުވެ، މިކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުން މިސްޓަރ ސަވާޖަށް މަޢުލޫމާތު ދެއްވިއެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މިސްޓަރ ސަވާޖް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްގީގެ މަޝްރޫޢުތަކަށް ކުރިއަށްއޮތްތާނގައިވެސް ޔޫރަޕިއަން ކޮމިޝަނުން އެހީތެރިކަން ފޯރުއްވައިދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.