ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ކުރިއެރުމަށް ސަރުކާރުން މިއަދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވައި، އެހީތެރިކަން ފޯރުއްވައި ދެއްވުމަށް ރާއްޖެއަށް އެހީތެރިވެދެއްވާ އެކި ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް ރައީސް މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ، މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޑިމޮކްރަސީއާއި، މިނިވަންކަމާއި، ހެޔޮވެރިކަމާއި، ޤާނޫނު ހިންގުމުގެ އަސާސްތައް ނެގެހެއްޓުމަށް މި ސަރުކާރު ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރާއްޖެއަށް ތަފާތު މައްސަލަތައް ކުރިމަތިވެފައިވާކަން ރައީސް ފާހަގަކުރައްވަމުން، އިޤްތިޞާދީ މައްސަލަތަކާއި، އިޖްތިމާޢީ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، އަނިޔާވެރި ޢަމަލުތައް ހިންގުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އަންހެނުންނަށް އަނިޔާ ކުރުމާއި، ދީނީ ޚިޔާލުތަފާތުވުންތައްފަދަ އެތައް މައްސަލަތަކެއް އެބަހުރިކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، މި މައްސަލަތައް ޙައްލުކުރެއްވުމަށާއި، ރާއްޖެއަށް ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް ގެންނެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެކަމަށް ހުރި މަގުތައް ބަންދުވެފައިވާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަރަށް ގިނަ ފުރުޞަތުތައް ހުޅުވިފައި އެބަހުރި ކަމަށެވެ. މިފަދަ މައްސަލަތައް ޙައްލުކުރެއްވުމަށް ކުރެއްވޭ މަސައްކަތްތަކުގެ ސަބަބުން، ފައިދާހުރި އިތުރު ދޮރުތަކެއް ހުޅުވި، ކަންތައްތައް ފުރިހަމަ ގޮތެއްގައި ކުރުމުގެ މަގުފަހިވެގެން ދާނެކަމަށް ގަބޫލުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

2008 އޮކްޓޯބަރ 28 ގައި ދިވެހި ރައްޔިތުން ވޯޓު ދެއްވީ މިހުރިހާ ކަމެއް ބަދަލުކޮށް ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ ނިޒާމެއް ގެންނެވުމަށްކަން ރައީސް ބަޔާންކުރައްވަމުން، މިނިވަން އިންޞާފުވެރި އިންތިޚާބަކަށްފަހު، ރާއްޖޭގެ ސަރުކާރު ވަރަށް އޮމާންކަމާއި އަމާންކަމާއެކީގައި ބަދަލުވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ. ޞުލްޙަވެރިކަމާއެކު ވެރިކަމުގެ ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ބަދަލުވެގެން ދިޔަދިޔުން އެގޮތުގައި ދެމެހެއްޓުމަކީ، މިވަގުތު ދިމާވެފައިވާ އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮންޖެހުންތަކަށްވުރެ މާ އުނދަގޫ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ރައްޔިތުންނަށް ފުއްދަވައިދެއްވަން އެބަޖެހޭ ކަމަށާއި، މި ވަޢުދުތައް ފުއްދަވައި ދެއްވަމުން ގެންދަވާއިރު، ހަމައެއާއެކު، ޑިމޮކްރަސީ ފުރިހަމަކޮށް ދަމަހައްޓަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނު ރާއްޖޭގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ހާލަތު އޮތް ގޮތުގެ މައްޗަށް ބައްލަވާލައްވަމުން، ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައިވާ ކަމަށް ވިދާޅުވެ، މި ފިޔަވަޅުތަކުގެ މައްޗައް ބައްލަވާލެއްވިއެވެ. އަދި ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއި ދިމާވެފައިވާ އެހެނިހެން ދަތިތަކާއެކުވެސް ހެޔޮ ބަދަލުތަކެއް މިހާރުވެސް ގެނެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ މިހާރުގެ އިޤްތިޞާދީ ސިޔާސަތަކީ، ސަރުކާރުގެ ސައިޒާއި ޚަރަދު ވީހާވެސް ކުޑަކުރައްވައި، ވިޔަފާރީގެ އުޞޫލުން ހިންގެވެންހުރި ކަންކަން އަމިއްލަފަރާތްތަކަށް ދޫކޮށްލެއްވުން ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އަންނަމުން މިދާ އިޞްލާޙީ ބަދަލުތައް ގެންނެވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.