ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް 3 ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމް އެމަޤާމަށް އައްޔަން ކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް މިއަދު އައްޔަން ކުރެއްވި އަނެއް ބޭފުޅަކީ ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ބަންޑާރަނައިބު، އިބްރާހީމް ރިފްޢަތް ޢައްޔަން ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.
ރައީސުލްޖުމްހީރިއްޔާ މިއަދު އެކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލް އަޙްމަދު ފާރިސް އެމަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރެއްވި 3 ބޭފުޅުން އެކޮމިޝަންގެ މެންބަރު ކަމުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީގެ ކުރިފުޅުމަތީގައެވެ.
މި ތިން ބޭފުޅުން ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި ކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.