ކުޅިވަރަކީ އެންމެން އެއްބައިވަންތަކުރުވާ އެއްޗެއްކަމަށާއި، ޚިޔާލު ތަފާތުވުންތައް ދޫކޮށް އެންމެން އެއްތާކުން ފެނުމަކީ  ވަރަށް އުފާވެރި މަންޒަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުޅަހެޔޮ ހަށިހެޔޮ ޢީދާއި ގުޅިގެން މިރޭ ބޭއްވި ޚާއްޞަ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން ދެއްވި ބަސްދީގަތުމެއްގައެވެ.

މި ކުޅިވަރު ޢީދާއި ގުޅިގެން މިރޭ ބޭއްވި ޚާއްޞަ ފުޓްބޯޅަ މެޗެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ވަނީ މި މެޗްތައް ބައްލަވާލެއްވުމަށް ރަސްމީ ދަނޑަށް ވަޑައިގެންފައެވެ.

މިރޭ ކުޅުނު ފުޓްބޯޅަ މެޗުތަކުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވައެވެ. 

މިރޭގެ ފުޓްބޯޅަ މެޗުތައް ބައްލަވާލެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ރަސްމީ ދަނޑަށް ވަޑައިގެންނެވިއެވެ.