ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ކުރިއަށްގެންދިޔަ ދުޅަހެޔޮ ހަށިހެޔޮ ޢީދާއި ގުޅުވައިގެން މިރޭ ބޭއްވެވި ޖާފަތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހަވީރު ކުރިޔަށްގެންދިޔަ ދުޅަހެޔޮ ހަށިހެޔޮ ޢީދުގެ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން މި ކުޅިވަރު ޢީދަކީ އެކުވެރިކަމާއެކު ކުރިއަށްދިއުމަށް ލިބޭ ބާރެއްކަމަށް ވިދާޅުވެ މިރޭ ކުރިއަށްދާ ޖާފަތުގައި ބައިވެރިވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ. މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ އަދަދެއްގެ ރައްޔިތުންނާ ރައީސް ޞާލިޙް ވަނީ ބައްދަލުކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމު މީގެކުރިން ފުރުއްވާފައިވާ ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މިރޭގެ ޖާފަތުގައި ރައީސް ޞާލިޙްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.