ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ޖަރުމަނުވިލާތު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ޔާގަން ވިއާތު، މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަރުމަނުވިލާތު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މިސްޓަރ ވިއާތު ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ޖަރުމަނުވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސަލެއްގެ މަޤާމަށް މިސްޓަރ ވިއާތު ހަމަޖައްސަވަން ގަސްދުކުރައްވާ ކަމަށާއި، މިކަމުގައި ދިވެހި ސަރުކާރުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ވަދާޢީ ޒިޔާރަތުގައި، މިސްޓަރ ވިއާތު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރެޓިކް އުޞޫލުތައް ދެމެހެއްޓެވުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، މިމަސައްކަތް ކުރިއަށް ގެންދެވުމަށް ހިތްވަރުދެއްވައި، މިކަމުގައި އެމަނިކުފާނުގެ ހިޔާލުފުޅުތައް ރައީސް އަރިހުގައި ދެންނެވިއެވެ.