ސްރީލަންކާގެ ކުރީގެ ރައީސް ހަރ އެކްސަލެންސީ ޗަންދްރިކާ ބަންޑާރަނައިކެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އެމަނިކުފާނުގެ ދައުވަތު ގަބޫލުފުޅުކުރައްވައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވި ޚާއްޞަ ރަސްމިއްޔާތަށް ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ. 

މިބައްދަލުކޮށްލެއްވުމުގައި ހަރ އެކްސަލެންސީ ޗަންދްރިކާ ބަންޑާރަނައިކެ ވަނީ މިފަދަ ތާރީޚީ ރަސްމިއްޔާތަކަށް ދަޢުވަތުއެރުވީތީ ވަރަށް ބޮޑަށް އުފަފާޅުކުރައްވާކަން ހާމަކުރައްވާފައެވެ. މީގެއިތުރުން ރާއްޖޭގެ ހަތް ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހޮވިވަޑައިގެންނެވީތީ އެމަނިކުފާނަށް މަރުޙަބާއާ ތަހުނިޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ރާއްޖެއާއި ސްރީ ލަންކާގެ ސިޔާސީ މަސްރަޙު މިވަގުތު އޮތްޙާލަތާއިބެހޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.