ޔުނިސެފުން ދެކުނު އޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ މިސްޓަރ ޑެނިއަލް ޓޫލް، ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ޔުނިސެފަކީ، ރާއްޖޭގެ ތަރައްޤީއަށް، ޚާއްޞަކޮށް ރާއްޖޭގެ ކުޑަކުދިންގެ ކަންތައްތަކަށް ވަރަށްބޮޑު ސަމާލުކަމެއްދޭ ޖަމާޢަތެއް ކަމަށް ވިދާޅުވެ، އެޖަމާޢަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ރާއްޖޭގެ ޝަރުޢީ ދާއިރާއަށް އިތުރަށް މީހުން ތަމްރީނުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. ހަމައެއާކު، ޞިއްޙަތަށް ރަނގަޅު ކާނާ، ކުޑަކުދިންނަށް ދިނުމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފުޅާކޮށް ކުރިއަށް ގެންދެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މިސްޓަރ ޓޫލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ކުޑަކުދިންގެ ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ، ވަރަށް ރަނގަޅަށް ހިނގަމުންދާ މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޔުނިސެފުން ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، ރާއްޖޭގެ ތަޢްލީމީ ދާއިރާ ތަރައްޤީ ކުރެއްވުމަށާއި، ރާއްޖޭގެ ޒުވާނުންނަކީ، އުފެއްދުންތެރި ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ގެންގުޅުއްވާ އުޞޫލުތަކަކީވެސް، ވަރަށް ރަނގަޅު އުޞޫލުތަކެއް ކަމަށް ވިދާޅުވިއެވެ.