ޖަޕާނުގެ މެންބަރ އޮފް ހައުސް އޮފް ރިޕްރެޒެންޓޭޓިވް (ސްޕެޝިއަލް އެންވޯއި) ހިޒް އެކްސަލެންސީ ވަޓަރު ޓަކެޝިޓާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ދައުވަތު ޤަބޫލުފުޅުކުރައްވައި ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި ވަޓަރު ޓަކެޝިޓާއަށް ޝުކުރުއަދާކުރައްވާފައެވެ.
އަދި މި ޒިޔާރާތްކުރެއްވުމުގައި އެމަނިކުފާނު ވަނީ ނިމިދިޔަ އަހަރަކީ ރާއްޖެއާއި ޖަޕާނާ ދެމެދުގައިއޮތް ސިޔާސީ ގުޅުމުގެ ރަންޔޫބީލް އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ދެމެހެއްޓުމުގައި އިންޑޯ-ޕެސިފިކް ހަރަކާތްތަކުގައި އެކުގައި މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުން ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ދެއްވާ އެއްބާރުލުމާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުލީމީ ދާއިރާއަށާއި ވިޔަފާރީގެ ރޮގުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ޖަޕާނަކީ ދިވެހިރާއްޖެއާއި އެންމެ ގާތް އެއްޤައުމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަދު ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ޖަޕާނުގެ މެންބަރ އޮފް ހައުސް އޮފް ރިޕްރެޒެންޓޭޓިވް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށްލެއްވުމަށް ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނުވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ފަރާތުން ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް ރައްދުކުރައްވާފައެވެ. ޖަޕާނުގެ ބޮޑުވަޒީރު ބޭނުންފުޅުވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާގައުމަކަށްވުމުގެ ސަބަބުން ދިމާވެދާނެ އެންމެހައި ދަތިތަކުން އަރައިގަތުމަށް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ޖަޕާނުގެ މެންބަރ އޮފް ހައުސް އޮފް ރިޕްރެޒެންޓޭޓިވް ވިދާޅުވިއެވެ.
މީގެއިތުރުން އެކިކަންކަމުގައި ޖަޕާނަށް ދިވެހިރާއްޖެއިން ވެދެއްވާފައިވާ އެހީތެރިކަމަށް ވަޓަރު ޓަކެޝިޓާގެ ވާހަކަފުޅުގައި ޝުކުރުއަދާކުރެއްވިއެވެ. އަދި ޖަޕާނުގެ އެއް މަޤުޞަދުކަމުގައިވާ ކަނޑުގެ ސަރަހައްދުގައި ހުޅުވާލެވިގެން ކުރެވޭ މުއާމަލާތްތައް އަމާންކަމާއި އޮމާންކަމާއެކު ހިންގުމަށް ރާއްޖެއިން ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާކުރެއްވިއެވެ.