ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޞަފީރު ހިޒް އެކްސަލަންސީ ލުއަ ޝުގަންގް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ  ‏ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުމުގެ އަގުވަޒަންކުރައްވައި، ޗައިނާ އަކީ އިޤްތިޞާދީ ގޮތުން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ޤައުމެއްކަމަށް ހާމަކުރައްވާފައެވެ.  އަދި މި ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމަށް ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ޗައިނާއާ ގުޅިގެން މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި ކުރިމަގުގައިވެސް އިތުރު މަޝްރޫޢުތައް  ކުރިއަށް ގެންދިއުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެއިތުން އިޖްތިމާޢީ ދުޅަހެޔޮކަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.