ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިޔާގެ ބޮޑިވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް އިބްރާހީމް މުހަންމަދު ޞާލިޙް ފާހަގަކުރެއްވިގޮތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއަވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ބޮޑިވަޒީރު ރާއްޖެއަށް މިދަތުރުފުޅު ކުރެއްވިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސް އިބްރާހިމް މުޙަންމަދު ޞާލިޙް ރާއްޖޭގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު އެމަނިކުފާނަށް މަރްޙަބާ ވިދާޅުވިއެވެ. އަދި ރައީސް އިބްރަހީމް މުހަންމަދު ޞާލިޙް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް އެމަނިކުފާނަށް ދަޢުވަތު ދެއްވައި އެމަނިކުފާނާއި ދޭތެރޭ ބެހެއްޓެވި ގާތްކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.

ދެބޭފުޅުން މިއަދު ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތާނގައި މިގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަ ފުޅުގައި އަލިއަޅުއްވައި ލެއްވިއެވެ. އަދި އަބަދުވެސް އިންޑިޔާގެ އެއްބާރުލުން ރާއްޖެއަށް ލިބެމުންދާނެކަމުގެ ޔަޤީންކަން ދެއްވައި  ޚާއްޞަކޮށް އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އިންޑިޔާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން އިންޑިޔާ ސަރުކާރުން ރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުންވެސް، މި ބައްދަލުކުރެއްވުމުގައި ދެޤައުމުން އަހަންމިއްޔަތުކަންދޭ އެކިއެކި މައްސަލަތަކުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ދެޤައުމުގެ ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރެއްވުމުގެ މުހިންމުކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިޔާގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފަސޭހަފުޅު ވަގުތެއްގައި އިންޑިޔާއަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވުމަށް ދަޢުވަތުދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދަޢުވަތު ޤަބޫލުފުޅުކުރައްވާފައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް  ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. އަދި، މި ކުރެއްވި ޒިޔާރަތުގައި، އިންޑިޔާގެ ބޮޑުވަޒީރު ވަނީ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.