އިބްރާހީމް މުޙައްމަދު ޞާލިޙު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ޤާނޫނީ ހުވައި ކުރައްވައި، ފައިޞަލް ނަސީމް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމުގެ ޤާނޫނީ ހުވައި މިއަދު ކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ނައިބު ރައީސް ފައިޞަލް ނަސީމް ހުވައި ކުރެއްވީ، މިކަމަށްޓަކައި މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި، އަދި ނައިބު ރައީސް ފައިޞަލް ނަސީމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީ އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައިކުރެއްވުމާއި ވިދިގެން، 21 ބަޑީގެ ސަލާމެއް އަރުވައި، ޤައުމީ ސަލާން ކުޅުނެވެ. އަދި ޤާނޫނީ ހުވައިގެ ލިޔުމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސޮއިކުރެއްވިއެވެ. މި ދެލިޔުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ސޮއިކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.