ރައްޔިތުން ނިންމާ ކޮންމެ ކަމެއް ނިންމުމުގައިވެސް ޤައުމުގެ މަސްލަހަތު ރައްކާތެރިކުރުމަށް ސަމާލުކަންދެއްވުމަށާއި، ޤައުމުގެ ސަލާމަތަށް އިސްކަންދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު މެންދުރުފަހު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

 އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާއި އޮންނަ ގުޅުން ހީނަރުވިޔަނުދިނުމަށް އަބަދުވެސް މި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާފައިވާނެކަން ފާހަގަކުރައްވަމުން ދުނިޔޭގައި ހިނގަމުންދާ ޓެރަރިޒަމްގެ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރާ ދައުލަތްތަކާއެކީ ރާއްޖެއިން މަސައްކަތްކުރައްވާފައިވާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާއި، ޚާރިޖީކަންކަމަށް ބޭރުގެ ފަރާތްތަކުން ބަސްކިޔުމަކީ އެއްވެސް އިރެއްގައި ދިވެހި ދައުލަތަށް ފަސޭހަކަމަކަށް ވެގެން ނުވާނެކަމަށާއި، މި ސަރުކާރުގެ އަސްލަކަށްބައްލަވާފައިވާނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

 އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކުޑަ ޤައުމަކަށް އެންމެ މުހިންމުވާނީ އެ ޤައުމެއްގެ އަމާންކަމާއި، ސަލާމަތްކަން ރައްކާތެރިކަމާއެކު ދެމެހެއްޓުންކަމުގައި ފާހަގަކުރައްވަމުން، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ މިދައުރުގައި އެމަނިކުފާނު އަބަދުވެސް މަސައްކަތްކުރައްވާފައިވާނީ ދިވެހި މައުޞޫމް ރައްޔިތުންގެ ޙައްޤުގައިކަމުގައި ވިދާޅުވިއެވެ.    

ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޙާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ މަސްލަހަތު ހަވާސާގައި ބާއްވާފައި އަމިއްލަ މަސްލަހަތު އިސްކޮށްފިނަމަ ދުވަހަކުވެސް ދިވެހިރާއްޖެއަށް ކުރިއެރުން ނުލިބޭނެކަމަށާއި، ޤައުމާއިމެދު ކޮންމެކަމެއް ކޮންމެ ގޮތަކަށް ވެގެން ދިއުމަށް އެމަނިކުފާނުގެ ޒަޢާމަތުގައި ޖާގަނުދެއްވުމަށް ކުރެއްވެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.