ނާޖާއިޒު ގޮތުގައި ދައުލަތުގެ އެއްވެސް މުދަލަކަށް އެއްވެސްކަހަލަ ޚިޔާނާތެއްވެފައި އޮތްތޯ ބައްލަވައި، އެކަމެއް ތަޙުޤީޤު ކުރައްވައި، ޚިޔާނާތެއްވެފައި އޮތްނަމަ، އެމުދަލެއް ދައުލަތަށް ހޯއްދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. ވަޒީރުންގެ މަޖިލީހުން ނިންމެވީ، މިފަދަ ތަޙުޤީޤުތައް ހިންގާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހުރިހާ އޭޖެންސީތަކާ ގުޅިގެން މިމަސައްކަތް ކުރެއްވުމަށެވެ.

މިއަދުގެ ޖަލްސާގައި، ”އާރތް އަވަރ 2009“ އާ ގުޅިގެން މި މާޗް މަހުގެ 28ވާ ހޮނިހިރު ދުވަހު، ފައިމަގުގައި ހިނގާފައި އުޅޭ ވަގުތުކޮޅެއް ހަމަޖެއްސެވުމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދައްކަވައި، އެދުވަހުގެ ހަވީރު 4.00 ން މެންދަމު 12.00 އަށް ފައިމަގުގައި ހިނގާފައި އުޅޭގޮތަށް ހަމަޖެއްސެވުމަށް ނިންމެވިއެވެ. ”އާރތް އަވަރ“ އަކީ ދުނިޔެ ހޫނުވުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ވާރލްޑް ވައިލްޑް ފަންޑުން މުޅި ދުނިޔޭގައި ހިންގާ ކެމްޕޭނެކެވެ. ފައިމަގުގައި އުޅޭ ވަގުތުކޮޅެއް ފާހަގަކުރެއްވުމުގެ އިތުރުން، ރާއްޖޭގައިވެސް އާރތް އަވަރ ފާހަގަކުރުމާ ބެހޭގޮތުން އެކި ޙަރަކާތްތައް ހިންގެވުމަށް ވަނީ ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ކޮންމެ މުއައްސަސާއެއްގައި ޖެންޑަރ ފޯކަލް ޕޮއިންޓެއް ޤާއިމު ކުރެއްވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. މިގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، މި ފޯކަލް ޕޮއިންޓަކީ މިނިސްޓަރުގެ ނައިބު ފެންވަރުގެ ބޭފުޅެއް ކަމުގައި ހަމަޖެއްސެވުމަށް ނިންމެވިއެވެ.

ރާއްޖޭގައި އާދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ ބިދޭސީ މަސައްކަތު މީހުން އުޅެމުންދާތީ، އެކަމަށް ޙައްލެއް ހޯއްދެވުމާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. މިކަމާ ގުޅިގެން، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ތައްޔާރު ކުރައްވާފައިވާ ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، މިހެން މިކަން ދިމާވާ ސަބަބުތައް ހޯއްދަވައި، އެ ސަބަބުތައް ދިރާސާ ކުރެއްވުމަށް ވަޒީރުންގެ ކޮމިޓީއެއް ހޮއްވެވިއެވެ.