ސަރުކާރަކުން ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ބޮޑު އެއްކަމަކީ އުފާވެރި ދިރިއުޅުމެއް ވޭތުކުރެވޭނެފަދަ ބޯހިޔާވަހިކަމެއް ހޯދައިދިނުން ކަމަށާއި ސަރުކާރުން އަމާޒު ހިފާފައިމިވަނީ، ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނުކުފާނު މިހެން ވިދާޅުވީ "ހިޔާ އެކޮމްޕްލިޝްޑް" ވިލިމާލެ 2 މާސްޓަރ ޕްލޭން އިފްތިތާޙްކުރެއްވުމަށް މިރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
 
ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ބޯހިޔާވަހިކަމަކީ ތަނަވަސް ދިރިއުޅުމެއްގެ ތެރެއިން ހޯދައިދެވޭ ބޯހިޔާވަހިކަމަކަށް ހަދައިދިނުންކަމުގައެވެ. އަދި އެއީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް މަޤްޞަދު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
 
ހިޔާ އެކަމްޕްލިޝްޑް މަޝްރޫޢު އެކުލަވާލެވުނު ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ކުރެއްވި މިންނެތް މަސައްކަތްޕުޅުގެ ނަތީޖާކަމުގައެވެ. އަދި މިޖަލްސާގައި އެމަނިކުފާނު ވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ވަރަށް އިހުލާސްތެރިކަމާއިއެކު ޝުކުރުއަދާކުރައްވާފައެވެ.
 
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ހިޔާ އެކޮމްޕްލިޝްޑް މަޝްރޫޢު ހިންގެވުމަށް ނިންމަވާފައިވަނީ ރާއްޖޭގެ ވެރިރަށް މާލޭގެ އާބާދީއަށް އައި ބޮޑު ބަދަލާއި، އަދި އޭގެ ސަބަބުން ކުދިކުދި ތަންތަން ކޮޅުގައި މީހުން ދިރިއުޅެން ޖެހުމުން، އިޖުތިމާޢީ އަދި ޞިއްހީ އެކި މައްސަލަތައް ކުރިމަތިވަމުންދިޔުމާއެކު މިކަންކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައިކަމުގައެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ ތަރައްޤީއަށް ފަށްޓަވާފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދަވައި ނިންމަވާލެއްވުމަށްޓަކައި އިތުރު 5އަހަރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދެއްވެވުމަށް އެދިވަޑައިގެންފައެވެ.