މިނިވަންކަން ދެމެހެއްޓުމަށްވުރެ މުހިންމުކަމެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  އައްޑު އަތޮޅާއި، ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ފޭދުއަށް ވަޑައިގެން ސ. ފޭދޫ، މަރަދޫ، މަރަދޫފޭދޫގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވައި، ފޭދޫގެ ބިން ހިއްކުމުގެ ނިމުން ފާހަގަކުރެއްވުމަށް  ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
 
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީއަށްވުރެ އަސާސީކަމެއް އޮތްކަން ވިސްނަންވާނެކަމަށާއި، އަދި އެއީ އިސްލާމް ދީނާ، ރައްޔިތުންގެ މަސްލަހަތާ ސަލާމަތާ ޤައުމުގެ މިނިވަންކަން ދިފާއުކުރުންކަމަށެވެ. މިކަންކަން ދެމެހެއްޓުމަށް ރައްޔިތުންނަށްވެސް ކުރެވެންހުރި ހުރިހާކަމެއް ކުރަންވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. 
 
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ލިބޭ ކުރިއެރުމަކީ ހުރިހާ ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން ހާސިލްކުރެވޭ ކުރިއެރުންކަމަށެވެ. އަދި ޤައުމަށް ނިކަމެތިކަމެއް ލިބުމުން އެއީ ހަމައެކަނި ސަރުކާރަށް ލިބޭ ނިކަމެތިކަމެއްކަމުގައި ނުދެކުމަށާއި، އެނިކަމެތިކަމަކީ ދިވެހި އެންމެހާ ރައްޔިތުން ތަހަންމަލު ކުރަންޖެހޭނެކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. 
 
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހާ ދާއިރާއެއްވެސް މިހާރު މިއޮތް ހިސާބަށްވުރެ މައްޗަށް އުފުލާލަން އެމަނިކުފާނު ބޭނުންފުޅުވާކަމުގައެވެ. އަދި ޚާއްޞަ ގޮތެއްގައި ޞިއްޙީ ދާއިރާއަށް ގެންނަން ބޭނުންފުޅުވާ ތަރައްޤީގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ޓެލެމެޑިސިން ނެޓްވާކް ތަރައްޤީކުރެއްވުމަށާއި، އަންހެނުންނަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 
 
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަމުގައިވާނަމަ ކަރަންޓުގެ އަގު ހެޔޮކުރުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 50 އިންސައްތައަށް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާފައެވެ. 
 
ރައީސުލްޖުމްހޫރިއްޔާ އައްޑުއަތޮޅަށާއި ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި، އިއްޔެ އެމަނިކުފާނު ވަނީ ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވައި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވުމުގެ އިތުރުން ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތަދޫއަށް ވަޑައިގެން ހިތަދޫގެ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވައިފައެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މަރަދޫ އަދި މަރަދޫފޭދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
 
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޏ. ފުވައްމުލަކަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވުމަށާއި، ބަނދަރުގެ އެއްގަމުތޮށިލުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.