ރައްޔިތުންގެ ޒިންމާއަކީ ކަންކަމާ ދޭތެރޭ ހޭލުންތެރިވެ، ޒިންމާދާރުކަމާއެކީ ކަންކަން ނިންމުމުގައި ރައްޔިތުންގެ ވިސްނުން އިސްކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  އައްޑު އަތޮޅާއި، ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިރޭ ސ. ހިތަދޫއަށް ވަޑައިގެން 4 މަޝްރޫޢެއްގެ ނިމުން ފާހަގަކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން މިކުރާ މަސައްކަތަކީ އާބާދީ ބޮޑު ކޮންމެ ތަނަކީ ހަޤީގީ މާނައިގައި ސިޓީއަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތްކަމަށާއި، މިފަދަ ތަންތަނުން ސިޓީއަކުން ލިބޭނެ ހުރިހާ ޚިދުމަތްތަކާއި ވަޞީލަތްތަކުގެ އިތުރުން އުމްރާނީ ތަރައްޤީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން  ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިސަރުކާރުގެ ތަޢުލީމީ މަންހަޖަކީ ވަށާޖެހޭ މަންހަޖެއްކަމަށާއި އަންނަ ދައުރުގައި ތަޢުލީމީ މަންހަޖުގައި އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ މަޖުބޫރު މާއްދާއަކަށް ހައްދަވާނެކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އެމަނިކުފާނު ވިދާޅުވިގޮތުގައި އިދިކޮޅު ފަރާތްތަކުން ބުނާ ތަޢުލީމީ ސިޔާސަތުގައި އޮތީ މީގެ 50 އަހަރު ކުރީގެ ވާހަކަމަށާއި، ވަޒީފާތަކުގެ ނަފާ ލިބޭ މީހުންނަށް ދިވެހި ޒުވާނުން ހެދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތުގެ ހުނަރު އުގަންނައިދިނުމުގެ ދާއިރާއިން 100 ސްކޮލަރޝިޕް ދަރިވަރުންނަށް ފޯރުކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑު އަތޮޅު ހިތަދޫގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވައިފައެވެ.

 

ރައީސުލްޖުމްހޫރިއްޔާ އައްޑު އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހިތަދޫއަށް ވަޑައިގަތުމުގެކުރިން ވަނީ އެއަތޮޅު ހުޅުމީދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވައި، ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޏ. ފުވައްމުލަކަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވުމަށާއި، ބަނދަރުގެ އެއްގަމުތޮށިލައި ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.