ކުރިއަށް އޮތް ތާނގައި ވެސް ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނު ނުކުމެ މިހުންނެވީ ޤައުމީ ޚިދުމަތެއް ކުރައްވަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  އައްޑު އަތޮޅާއި، ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހަވީރު ސ. ހުޅުމީދޫއަށް ވަޑައިގެން 5 މަޝްރޫޢެއްގެ ނިމުން ފާހަގަކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ކުރައްވަނީ ރައްޔިތުންނަށް ބޭނުންވެފައިވާ ޚިދުމަތްތަކެއް ކަމަށާއި، އެތައް ހާސް ރައްޔިތުންގެ އުއްމީދުތަކާއި އެއުއްމީދުތަކަށް ދިރުމެއް ގެންނެވުމަށް ކުރައްވާ މަސައްކަތް ކަމަށެވެ. ރައްޔިތުންގެ ހުވަފެންތައް ޙަޤީގަތަކަށް ހައްދަވައިދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަކީ ކުރިއަށް އޮތް ތާނގައިވެސް ރައްޔިތުންނަށް އުއްމީދު ގެނަސް ދެއްވާނެ ވެރިއެއް ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ކުރިން ތަރައްޤީވަމުން އައީ މާލެ އެކަނި ކަމަށާއި، މިހާރު މުޅި ރާއްޖެ މިދަނީ ތަރައްޤީވަމުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ތާނގައި އާބާދީއަށް ބަލައިގެން ސިޓީގެދަރަޖަދޭ އުސޫލަށް ބަދަލު ގެންނަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ ސިޓީއެއްގައި 500 ހައުސިން ޔުނިޓް އަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން  ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިސަރުކާރުގައި ކޮންމެ ރައްޔިތަކާއިމެދުވެސް ޢަމަލުކުރައްވާނީ އެއްހަމައަކުންކަން ފާހަކުރައްވާ އެމަނިކުފާނު ވިދާޅުވީ ޤާނޫނާއި ޝަރީއަތުގެ ތެރެއިން ޢަދުލުވެރި ނިންމުމެއް ކޯޓުން ނިންމައިފިނަމަ އެނިންމުމެއް ތަންފީޒުވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުމީދޫއަށް މިއަދު މިކުރެއްވި ޒިޔާރަތުގައި ރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވައި، ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައިވެއެވެ.

 ރައީސުލްޖުމްހޫރިއްޔާ އައްޑު އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އައްޑު އަތޮޅު ހިތަދޫގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވުމަށާއި، ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށާއި، ފޭދޫ ބިންހިއްކުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެފައެވެ.

މީގެއިތުރުން ޏ. ފުވައްމުލަކަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވުމަށާއި، ބަނދަރުގެ އެއްގަމުތޮށިލައި ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މަރަދޫ އަދި މަރަދޫފޭދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.