ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހަވީރު އައްޑު އަތޮޅު ހުޅުމީދޫއަށް ވަޑައިގެން އެރަށުގައި ހިންގާފައިވާ ފަސް މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑު އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ހުޅުމީދޫއަށް ވަޑައިގެން އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި، ހުޅުމީދޫގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވައި، ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ވަނީ ފާހަގަކޮށްދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ދަތުރުފުޅުގައި އައްޑު އަތޮޅު ހިތަދޫގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވުމަށާއި، ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށާއި، ފޭދޫ ބިންހިއްކުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެފައެވެ. 

މީގެއިތުރުން ޏ. ފުވައްމުލަކަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވުމަށާއި، ބަނދަރުގެ އެއްގަމުތޮށިލައި ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.