ޒުވާނުންގެ އުންމީދުތައް ގުޅިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ވިސްނުންފުޅާއި ކަމަށާއި ޒުވާނުންގެ ޝަހަރުގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު ތަކެއް ނުވަތަ ބިޒްނަސް ސެންޓަރުތަކެއް ޤާއިމުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. 

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން މިރޭ ހުޅުމާލޭގައި ބޭއްވެވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ނުވަތަ އުންމީދުކުރައްވަނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ނުވަތަ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ޤައުމަކަށް ވެގެންދިއުންކަމުގައެވެ.  

ޒުވާނުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން މިސަރުކާރުން ޒުވާނުން ގެދޮރުވެރިކުރުވުމަށް ފަށްޓަވާފައިވާ ހިޔާ މަޝްރޫޢުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ހިޔާ މަޝްރޫޢު ނިމިގެން ދިޔައިމާ ދިވެހި ގިނަ ޒުވާނުންނަށް ގެދޮރުވެރިކަން ފުރިހަމަވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ހިޔާ އެކަމްޕްލިޝްޑް ނިމިގެން ދިޔުމުން މިއަހަރުގެ މިނިވަން ދުވަހުން ފެށިގެން 2030 ގެ މިނިވަން ދުވަހާ ހަމައަށް 18 އަހަރު ވަމުންދާ ހަމަ އެއްވެސް ދިވެހި ޒުވާނަކަށް 1000 އަކަ ފޫޓުގެ ބިންކޮޅެއް ނޫނިއްޔާ ފްލެޓެއްނެތި ނުދާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ކޮންމެ ޒުވާނަކީ އެޕާޓްމެންޓްގެ ކުލި ދައްކައިލައިގެން އުޅެވޭ ވަރުގެ ފުދުންތެރި ބަޔަކަށް މި ސަރުކާރުން ހައްދަވައިދެއްވާނެ ކަމަށާއި، އެކުދިންނަކީ އެޕާޓްމަންޓްތަކުގައި ދިރިއުޅެމުން އެތަންތަނުގެ މިލްކުވެރިފަރާތް ކަމުގައި ވެވޭނެ މަގުތައް ތަނަވަސްކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް ގެންނަވަން ބޭނުންފުޅުވާ ކުރިއެރުންތަކާއިބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް 5 އަހަރުގެ ދައުރުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާނީ އެދާއިރާއިން އިތުރު ކުރިއެރުންތައް ޤާއިމުކުރެއްވުމަށް ކަމުގައެވެ. އެގޮތުން އަމިއްލަ ސަބްމެރީން ކޭބަލެއް ބައްލަވައިގަތުމަށް މިހާރުވެސް ވާހަކަދެކެވެމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެބޭނުމަކީ މިހާރު އައި.ސީ.ޓީން ބޭނުންކުރާ އިންޓަނެޓް ޑޭޓާގެއަގު މިހާރަށްވުރެ 30 އިންސައްތަ ދަށްކުރެއްވުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން އައި.ސީ.ޓީ ޕާކުތައް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.