އަޅުގަނޑުމެން އުންމީދުކުރަންވީ އަޅުގަނޑުމެންގެ ކުރިމަގު އާރާސްތުކުރަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ލ. ގަމަށް މިއަދު ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި އިޤުތިޞާދު ވަރުގަދަކުރުމަށާއި، އިތުރު ފުރުޞަތު ހޯދުމަށް އުންމީދުކުރުމަށް ޒުވާނުންގެ ކިބައިންވެސް އެމަނިކުފާނުވަނީ އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނުވަނީ މި ސަރުކާރުން ޒުވާނުންގެ ޖީބު ތަނަވަސްކޮށްދެއްވުމަށްޓަކައި ކޮށްދެއްވަމުންދާ ކަންތައްތަކުގެ މައްޗަށް ބައްލަވައިލައްވައި ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް އިތުރުކުރައްވައި ފަތުރުވެރިކަމުގެ ރޮގުން އިތުރު ފުރުޞަތުތައް ފަހި ކޮށްދެއްވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންގެ ޖީބު ތަނަސްކޮށްދިނުމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންގެ މޫނުމައްޗަށް އުފާވެރިކަން  ގެނެސްދޭނެކަމެއް ކަމުގައިވެސް ފާހަގަކުރައްވާފައެވެ.  

ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ވަނީ ލ. ހިތަދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، ލ. މާމެންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި، ލ. މާބައިދޫއަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވައިފައެވެ.
 
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ލ. ފޮނަދޫ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.