ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހައްދުންމަތީ ބޮޑުމަގު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ހަވީރު މިކަމަށްޓަކައި ލ. ގަމުގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހައްދުންމަތީގައި ތަރައްޤީކޮށްފައިވާ ބޮޑުމަގު ހުޅުއްވައިދެއްވުމުގެ ގޮތުން މަގުކޮޅުގައި އެކަމަށްޓަކައި ބަހައްޓާފައިވާ ބޯޑުގެ ފަރުދާ ކައްސަވައިލަދެއްވައިފައެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމު ބޮޑުމަގުގައި ކާރުކޮޅުގައި ލ. ފޮނަދުއަށް ވަޑައިގެން ބޮޑުމަގުގެ ފޮނަދޫކޮޅުގައި ބެހައްޓާފައިވާ ބޯޑުގެ ފަރުދާވެސް ކައްސަވައިލަދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިއަދު ހެނދުނު ވަނީ ލ. ހިތަދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، ލ. މާމެންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި، ލ. މާބައިދޫއަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވައިފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ލ. ފޮނަދޫ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.