ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހަވީރު ހައްދުންމަތީ ގަމަށް ވަޑައިގެންފިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ ގަމަށް ފައިބައިވަޑައިގެންނެވުމާއިއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިއަދު ހެނދުނު ވަނީ ލ. ހިތަދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، ލ. މާމެންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވައި، ލ. މާބައިދޫއަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވައިފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ލ. ފޮނަދޫ ފެނުގެ ޚިދުމަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.