މި ސަރުކާރުން ގެންނަމުންދާ ތަރައްޤީ މާލޭގެ މަލަމަތިން ބައްލަވައިލެއްވި ކޮންމެ ދިމާއަކުން ފެނިވަޑައިގަންނަވާނެކަމަށާއި މާލޭގެ އުތުރު ފަރާތަށް ބެއްލެވިޔަސް ދެކުނު ފަރާތަށް ބައްލަވައިލެއްވި ކަމުގައިވިއަސް  ތަރައްޤީގެ މަންޒަރުތައް ފެނިވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ލ. މާބައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޢަދުލުއިންސާފުގެ ދާއިރާއިން މި ސަރުކާރުގެ މިހިނގާ 5 އަހަރުގެ ތެރޭގައި މީހުންގެ ޙައްޤުތައް ހޯއްދަވައިދެއްވާފައިވާ މިންވަރަށް އެހެން އެއްވެސް ސަރުކާރެއްގައި ހޯދައިދެވިފައި ނޯންނާނެކަން ފާހަގަކުރެއްވިއެވެ.

 މާބައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖޭގެ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާޚިލީ ކަންކަމާއި ބެހުމަށް އިދިކޮޅު ފަރާތްތަކުން ދަޢުވަތު ދެމުންދާއިރު މީގެސަބަބުން ދެން ކަންކަން ވެގެންދާނެ ގޮތެއް ޚިޔާލަށް ގެންނަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ބައެއް ރަށްރަށައް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ވަނީ ލ. ހިތަދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައިފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ލ. މާމެންދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ލ. ގަމަށް ވަޑައިގެން ތުނޑީ އަވަށު ބަނދަރު ހުޅުއްވައިދެއްވައި، ހައްދުންމަތީގެ ބޮޑުމަގު ހުޅުއްވައިދެއްވުމަށާއި، ލ. ފޮނަދޫއަށް ވަޑައިގެން އެރަށުގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.