ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހައްދުންމަތީ ހިތަދޫއަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ.

 ރައީސުލްޖުމްހޫރިއްޔާ ހިތަދޫއަށް ފައިބައިވަޑައިގެންނެވުމާއިއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ލ. މާމެންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، ލ. މާބައިދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށާއި، ލ. ގަމަށް ވަޑައިގެން ތުނޑީ އަވަށު ބަނދަރު ހުޅުއްވައިދެއްވައި، ހައްދުންމަތީގެ ބޮޑުމަގު ހުޅުއްވައިދެއްވުމަށާއި، ލ. ފޮނަދޫ ފެނުގެ ޚިދުމަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.