ޒުވާނުންނަކީ ތިބި ބައެއްކަން އަންގައިދިނީ މިސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޒުވާނުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ޒުވާނުންނަކީ ދިވެހި މުޖުތަމަޢު އާރާސްތުކުރުމުގައި ދައުރެއް އޮތް ބައެއްކަން ފާހަގަކުރެއްވިއެވެ.

ޒުވާނުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން މިސަރުކާރުން ޒުވާނުންގެ ތަރައްޤީއަށްޓަކައި ފަހިކޮށްދެއްވަމުންދާ "ގެޓްސެޓް ލޯން ސްކީމް" ފަދަ ކަންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިލޯން ސްކީމް ގެ ދަށުން 70 ވިޔަފާރިއަށް މިހާތަނަށް ލޯނު ދޫކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިލޯނު ސްކީމްގެ ދަށުން ކުރިއަށް އޮތް ދައުރުގައި 1000 ޒުވާނުން ހިމެނޭ ގޮތަށް 500 ވިޔަފާރިއަށް ލޯނު ދޫކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސިނަމާލެ ބްރިޖަކީ ތަރައްޤީގެ ރޮނގުން މިސަރަޙައްދުގެ ޤައުމުތަކާއި، ފައިހަމަ ކުރުމަށް މިސަރުކާރުން ކުރައްވާފައިވާ މަސައްކަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި މިބްރިޖަކީ ހުރިހާ ދިވެހިންގެ ތަރިކައެއްކަން ވެސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އެކަމުގެ ސަބަބުން ދިވެހި ޤައުމަށް ލިބޭނެ ފައިދާއާއި މަންފާގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ކުރިއަށް އޮތްތާންގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް އެންމެ ބޮޑު ހިއްސާއެއްވާނީ އެއަރޕޯޓުންކަން ފާހަގަކުރެއްވިއެވެ.