ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސިޔާސަތު ތަންފީޒުކުރާ ފަރާތްތަކުގެ މެދުގައި ރަނގަޅު ގުޅުމެއް ގާއިމުކޮށް އެއް މިސްރާބަކަށް މަސައްކަތްކުރުމުގެ ރޫޙް އާލާކުރުމުގެ މަޤްޞަދުގައި މިއަދު ބައްދަލުވުމެއް ބާއްވަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމު ކުރައްވައިގެން، މިއަދު މެންދުރުފަހު ތީމުގޭގައި ބޭއްވެވި މި ބައްދަލުވުން އަމާޒުކުރައްވާފައިވަނީ މިނިސްޓަރުންނަށާއި، ސްޓޭޓް މިނިސްޓަރުންނަށާއި، މިނިސްޓަރުންގެ ނައިބުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޔާސީ މަޤާމްތަކުގައި ތިއްބެވި ބޭފުޅުންނަށާއި، މިނސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނަށަވެ. މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުވުން ހުޅުއްވައިދެއްވުމުގެ ގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ރަޝީދު ދެއްކެވި ވާހަކަފުޅުގައި ސިޔާސަތު ކަނޑައަޅުއްވާފަރާތް ތަކާއި ސިޔާސަތު ތަންފީޒުކުރައްވާ ސިވިލް ސަރވިސްގެ މުވައްޒަފުންވެސް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވަނީ ރައްޔިތުންނަށް ކަމުގައިވާތީ، ރައްޔިތުންނާއި ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރެއްވުމުގައި ދެފަރާތުންވެސް އެއްމިސްރާބަކަށް މަސައްކަތްކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

ބައްދަލުވުން ނިންމަވެވުމުގެ ގޮތުން، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހިމް ޙުސައިން ޒަކީ ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ސިޔާސީގޮތުން އައިސްފައި މިވާ ބަދަލާއެކު އަޅުގނޑުމެންގެ ވިސްނުންވެސް ވަރަށް ބޮޑަށް ބަދަލުކުރަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި މި ބައްދަލުވުމަކީ މިގޮތުން ހިންގޭނެ އިތުރު ޕްރޮގްރާމްތަކެއްގެ ފެށުންކަމުގައި ވިދާޅުވިއެވެ.