ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އަރިއަތޮޅާއި ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އަރިއަތޮޅު ދެކުނުބުރީ މާމިގިއްޔަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. 

މިއަދު ހެނދުނު މާމިގިލީގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ  ގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ރިބަން ކަނޑުއްވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި އެރަށުގެ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި އެމަނިކުފާނުވަނީ އދ. މަހިބަދޫއަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވައިފައެވެ. 

މީގެއިތުރުން އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. މަތިވެރިއަށާއި އއ. ތޮއްޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދ. ކުޑަހުވަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.