ރައީސް މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ މެންދަމުގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ މުލީއާގޭގައި މިރޭ ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި މިދަތުރުފުޅާބެހޭ މަޢްލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިދަތުރުފުޅަކީ، އިނގިރޭސިވިލާތުގެ ރާނީ އިލިޒަބަތު ދެވަނަ ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ. މިދަތުރުފުޅުގެ ބޭނުންފުޅަކީ، އިނގިރޭސި ރާނީއާ މަޝްވަރާ ކުރެއްވުމުގެ އިތުރުން، ސަރުކާރުގެ ސިޔާސަތުތައް ހިންގެވުމަށް ބޭނުންވާނެ، ޢިލްމާއި ޙިލްމާއި އިންވެސްޓްމަންޓް ފުރުޞަތުތައް ހޯއްދެވުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދަތުރުފުޅުގައި، ރޯޔަލް އޮޓޮމޯބައިލް ކްލަބްގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓާބެހޭ ސެމިނާރެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެކި ޓުއަރ އޮޕަރޭޓަރުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން، ކޮމަންވެލްތް ސެކްރެޓެރީ ޖެނެރަލާއި، އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސެކްރެޓެރީ ޖެނެރަލާވެސް ރައީސް ނަޝީދު ބައްދަލުކުރައްވާނެއެވެ. އަދި ރޯޔަލް ކޮމަންވެލްތް ސޮސައިޓީގައި ތަޤްރީރު ކުރައްވާނެއެވެ.