ބްރިޖަކީ އަންނަން އޮތް ދިގު ޒަމާންތަކަށް ފެންނަން އޮންނާނެ، ދިވެހިންކުރި ވަރުގަދަ މަސައްކަތެއް ކަމުގައި ފާހަގަކުރައްވަމުން ބްރިޖަކީ ދިވެހިންގެ މިލްކެއްކަމަށާއި އެއީ ދިވެހިންގެ ތަރިކައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއޮތޮޅާއި ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އަރިއަތޮޅު އުތުރުބުރީ ތޮއްޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
 
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހިންނަށް އެކި ގޮތްތޮތުން ޚިދުމަތްކޮށްދެއްވުމަށް ކަމަށެވެ. އެގޮތުން ތަޢުލީމީ ދާއިރާއަށް މި ސަރުކާރުންދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެރިކަންކުރި މުއްދަތާއި އަޅާބަލާއިރު ނިސްބަތުން މި ސަރުކާރަށްވުރެ ބޮޑަށް ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވި ސަރުކާރެއް ނޯންނާނެކަމަށެވެ. އަދި މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ދަށުން އަތޮޅުތެރެއިން މާލެއަށް ކިޔަވަން އަންނަ ކުދިންގެ 95 އިންސައްތަ ކުދިން ކިޔަވަމުންދަނީ ސަރުކާރުގެ ދީލަތި އެހީގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މި ސަރުކާރުން ޒުވާނުންގެ ބޭނުންތައް ފުއްދައިދިނުމަށް ބަހައްޓަވާ އަހަންމިއްޔަތު ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހި ޒުވާނުންނަކީ އެމީހުން ކުރާ ދާއިރާތަކުން އަބަދުވެސް މެދު އުޑުގައި ފިޔަޖަހާ ބަޔަކަށްވުމަށް ކަމުގައެވެ. އަދި ޒުވާނުންނަކީ ޤައުމުގެ ކުރިމަގު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.   
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުގައި ރައްޔިތުންނަށް ޚިދުމަތްކުރަންތިބި އެއްވެސް ވަޒީރެއްގެ ކޮރަޕްޝަންގެ މައްސަލައެއް ނޯންނާނެކަންވެސް ފާހަގަކުރެއްވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި އެރަށުގެ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި އެމަނިކުފާނުވަނީ އދ. މަހިބަދޫއަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވާފައެވެ. މީގެއިތުރުން މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. މަތިވެރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވައިފައެވެ.
 
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އދ. މާމިގިއްޔަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށާއި އދ. ކުޑަހުވަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.