ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހެނދުނު އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަހިބަދޫގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވީ އެކަމަށްޓަކައި މިއަދު އެރަށުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރި އަދި ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދެދުވަހުގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ހިންގި ފެނުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި އދ. މާމިގިލީގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އއ. މަތިވެރިއަށާއި، އއ. ތޮއްޑޫގެ އިތުރުން ދ. ކުޑަހުވަދޫއަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.