ރައީސް މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފިއެވެ. ރައީސްގެ ދެކަނބަލުން މިދަތުރުފުޅުގައި ފުރާވަޑައިގަތީ، ރޭ މެންދަމުއެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް މިވަޑައިގަންނަވަނީ، އިނގިރޭސިވިލާތުގެ ރާނީ އިލިޒަބަތު II ވަނަ ދެއްވި ދަޢުވަތަކަށެވެ. މިދަތުރުފުޅުގެ ބޭނުންފުޅަކީ، އިނގިރޭސި ރާނީއާ މަޝްވަރާ ކުރެއްވުމުގެ އިތުރުން، ސަރުކާރުގެ ސިޔާސަތުތައް ހިންގެވުމަށް ބޭނުންވާނެ، ޢިލްމާއި ޙިލްމާއި ފައިސާއާއި، އިންވެސްޓްމަންޓް ފުރުޞަތުތައް ހޯއްދެވުން ކަމުގައި މިދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން ޚަބަރުފަތުރާ ވަސީލަތްތަކާ ރޭ މުލީއާގޭގައި ބައްދަލުކުރައްވައި ރައީސްވަނީ ވިދާޅުވެފައެވެ.

މިދަތުރުފުޅުގައި، ރޯޔަލް އޮޓޮމޯބައިލް ކްލަބްގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓާބެހޭ ސެމިނާރެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެކި ޓުއަރ އޮޕަރޭޓަރުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން، ކޮމަންވެލްތް ސެކްރެޓެރީ ޖެނެރަލާއި، އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސެކްރެޓެރީ ޖެނެރަލާވެސް ރައީސް ނަޝީދު ބައްދަލުކުރައްވާނެއެވެ. އަދި ރޯޔަލް ކޮމަންވެލްތް ސޮސައިޓީގައި ތަޤްރީރު ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލާއި، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގަންނަވައެވެ.