ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު އެއަތޮޅު ކުރެންދުއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެންދުއަށް ފައިބައިވަޑައިގެންނެވުމާއިއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކުރެންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިއްޔެ އެމަނިކުފާނު ވަނީ ޅ. ނައިފަރުގައި ޤާއިމުކޮށްފައިވާ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ހުޅުއްވައިދެއްވައި ނައިފަރުގެ ބަނދަރު ހުޅުވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރޭގެ ވަގުތެއްގައި ހިންނަވަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކޮށްލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ މިދަތުރުފުޅުގައި މިއަދު އެއަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފައެވެ.