ޞިއްޙީ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރެއްވުމަށް ގެންދެވުމަށް ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، މިއަދަކީ ދުނިޔޭގެ ޞިއްޙަތު ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި މިއަދު ހެނދުނު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހޮސްޕިޓަލަށް އަންނަ މީހުންނަކީ، ކުއްލި ޙާލަތު ދިމާވެގެން އަންނަ މީހުން ކަމަށްވުމާއެކު، އެމީހުންނަށް ދޭންޖެހޭ ޚިދްމަތް ރަނގަޅަށް ދެވޭނީ، އަޅުގަނޑުމެންގެ ވަސީލަތްތައް އެގޮތަށް ރޭވިގެން ހޮސްޕިޓަލްގެ ހިންގުންވެސް ފުރިހަމަ ކުރެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގައި ޚިދްމަތް ކުރައްވާ ބޭފުޅުން އެކޮށްދެއްވަނީ، ވަރަށްބޮޑު ޚިދްމަތެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފަރާތުން އަންނަ ބައެއް ޝަކުވާތަކަކީވެސް ޚިދްމަތުގެ އަގު ވަޒަން ނުކުރާތީ ކުރާ ޝަކުވާތަކެއް ނޫން ކަމަށާއި، އެހެންނަމަވެސް، އެ ޝަކުވާތައް އެ އަންނަނީ، އަޅުގަނޑުމެންގެ އުންމީދުތަކާއި އަޅުގަނޑުމެން އެދޭ ގޮތްތައް ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކަން ހުންނަގޮތަށް، އެ އުންމީދުތައް ބަދަލުވެފައިވާތީ ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޞިއްޙީ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި ހޮސްޕިޓަލްގެ މެނެޖްމަންޓް، ބޭރުގެ ބައެއް ފަރާތްތަކާ ޙަވާލުކުރައްވަން ސަރުކާރުން ޤަޞްދު ކުރައްވާފައިވަނީވެސް ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ވީހާވެސް ރަނގަޅަކަށް ރައްޔިތުންނަށް ލިބިދެއްވުމަށްޓަކައި ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އަތްފޯރާ ހިސާބުގައި ޚިދްމަތް ލިބޭނެ ގޮތްތަކެއް ރޭވިފައި ހުރުމަކީ، ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި، ރާއްޖޭގެ ޞިއްޙީ ޚިދްމަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އެކުރައްވާ މަސައްކަތުގެ އަގު ވަޒަން ކުރައްވާކަން ބަޔާންކުރައްވަމުން، އެބޭފުޅުން އެމަސައްކަތް ކުރައްވަނީ އިންސާނިއްޔަތަށް ކުރައްވާ ޚިދްމަތެއްގެ ގޮތުގައި ކަމަށާއި، ފައިސާ ހޯއްދެވުމާއި މުއްސަނދިވެވަޑައިގަތުމުގެ މަޤްޞަދުގައި ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދުނިޔޭގެ މިއަހަރުގެ ޞިއްޙަތު ދުވަހުގެ ޝިޢާރު ކަމަށްވާ ”ކުއްލި ޙާލަތުގައި ޞިއްޙީ ޚިދްމަތްދޭ ތަންތަނުގެ ދައުރު“ މި ޝިޢާރަށް ބައްލަވާލައްވަމުން، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ރާއްޖެއަކީ މާބޮޑު ނުރައްކާތެރި ކާރިސާތަކެއް ކުރިމަތިވާ ތަނެއް ނޫން ކަމަށާއި، ޢާންމު ގޮތެއްގައި ދުނިޔޭގެ ޤައުމުތަކަށް ކުރިމަތިވާ އެންމެބޮޑު އެއް ނުރައްކަލަކީ ބިންހެލުމުގެ ޙާދިސާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ޠޫފާންތައް އިތުރުވަމުންދާ ކަމަށާއި، މިކަމަށް އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ ތައްޔާރަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.