ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، މިލަދުންމަޑުލު ދެކުނުބުރީ މާފަރަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މާފަރަށް ފައިބައިވަޑައިގެންނެވުމާއިއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މާފަރު އެއަރޕޯޓް ހުޅުއްވައިދެއްވުމަށާއި، އެރަށު ބަނދަރު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި އިއްޔެ ހެނދުނު ވަނީ ރ. އަލިފުށްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފައެވެ. އަދި ރ. ހުޅުއްދުއްފާރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް ވެސް އިފްތިތާޙްކޮށް ދެއްވާފައިވެއެވެ. މީގެއިތުރުން އިއްޔެ އެމަނިކުފާނު ވަނީ ރ. އުނގޫފާރަށާއި، ރ. ދުވާފަރަށް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ވަނީ ރ. އިންނަމާދޫއަށާއި، އިނގުރައިދޫއަށް ވަޑައިގެން އެ ދެ ރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައި މިއަދު މެނދުރުފަހު ރ. މީދޫއަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. މީގެއިތުރުން އެމަނިކުފާނު މިއަދު ހަވީރު ރ. މަޑުއްވަރިއަށްވެސް ވަނީ ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނ. ވެލިދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރ. މަޑުއްވަރީގެ އިތުރުން ނ. ކެނދިކުޅުދޫއަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.