ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާޅޮސްމަޑުލު އުތުރުބުރީ މީދޫގައި ތަރައްޤީކޮށްފައިވާ މަގުހެދުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި މބައިވެރިވެވަޑައިގެންފިއެވެ.

މިއަދު މެންދުރުފަހު މިކަމަށްޓަކައި މީދޫގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ތަރައްޤީކޮށްފައިވާ މަގުހެދުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިލަދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި އިއްޔެ ހެނދުނު ވަނީ ރ. އަލިފުށްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފައެވެ. އަދި ރ. ހުޅުއްދުއްފާރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް ވެސް އިފްތިތާޙްކޮށް ދެއްވާފައިވެއެވެ. މީގެއިތުރުން އިއްޔެ ވަނީ ރ. އުނގޫފާރަށާއި، ރ. ދުވާފަރަށް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ.

އެމަނިކުފާނު ވަނީ މިއަދު ހެނދުނު ރ. އިންނަމާދޫއަށާއި، އިނގުރައިދޫއަށް ވަޑައިގެން އެ ދެ ރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވާފައެވެ.

މީގެއިތުރުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ނ. މާފަރު އެއަރޕޯޓް ހުޅުއްވައިދެއްވުމަށާއި، އެރަށު ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން ނ. ވެލިދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރ. މަޑުއްވަރީގެ އިތުރުން ނ. ކެނދިކުޅުދޫއަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.