ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

މިއަދު މެންދުރުފަހު މިކަމަށްޓަކައި ހުޅުދުއްފާރުގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮއްދެއްވައި، ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ  ގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ފަރުދާ ކައްސަވާލަދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ފެއްޓެވި މި ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ރ. އަލިފުށީގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ރ. އިންނަމާދޫއާއި ރ. އިނގުރައިދޫއަށް ވަޑައިގެން އެ ދެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށާއި، ރ. މީދޫ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރެއްވުމަށާއި، ނ. މާފަރު އެއަރޕޯޓް ހުޅުއްވައިދެއްވުމަށާއި، އެރަށު ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން ނ. ވެލިދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރ. އުނގޫފާރަށާއި، ރ. ދުވާފަރަށާއި، ރ. މަޑުއްވަރީގެ އިތުރުން ނ. ކެނދިކުޅުދޫއަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.