ރައީސް މުޙަންމަދު ނަޝީދާއި އަނބިކަނބަލުން ލައިލާ ޢަލީ، އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު ވިންޑްސަރ ކާސްލްއަށް ރޭ ޒިޔާރަތް ކުރައްވައި އިނގިރޭސިވިލާތުގެ ރާނީއާއި ފިރިކަލުން ޑިއުކް އޮފް އެޑިންބަރާއާ ބައްދަލުކުރައްވައިފިއެވެ. އަދި ރާނީ ދެއްވި ފަރިއްކޮޅެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް ނަޝީދުގެ ދެކަނބަލުން ރޭ ހޭދަކުރެއްވީ ވިންޑްސަރ ކާސްލްގައެވެ.

ރައީސް މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ގޯޑްން ބްރައުނާވެސް އިއްޔެ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އިނގިރޭސި ބޮޑުވަޒީރާ ބައްދަލުވެވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި އުފާފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ.

ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކަމަލޭޝް ޝަރުމާއާވެސް ރައީސް ނަޝީދު އިއްޔެ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ކޮމަންވެލްތުން ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަމާއި އަދި ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ކޮމަންވެލްތަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ނަޝީދު އިއްޔެ ބައްދަލުކުރެއްވި އަނެއް ބޭފުޅަކީ އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ މިނިސްޓަރ ފޮރ އެފްރިކާ، އޭޝިޔާ އެންޑް ދަ ޔުނައިޓަޑް ނޭޝަންސް ލޯޑް މާކް މެލޮކް ބްރައުނެވެ. މިބައްދަލުކުރެއްވުމުގައި، މިއަދުގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހިންގަވަމުން ގެންދަވާ އެކިއެކި މަޝްރޫޢުތަކާ ބެހޭ މަޢްލޫމާތާއި ލާމަރުކަޒީ އުޞޫލުން ރައްޔިތުންނަށް ޚިދްމަތް ދެއްވުމަށް ފަށްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ މަޢްލޫމާތު ރައީސް ނަޝީދު ދެއްވިއެވެ.

އިނގިރޭސިވިލާތުގެ ކޮންޒަރވޭޓިވް ޕާޓީގެ އިންޓަރނޭޝަނަލް އޮފީހުގެ ޑިރެކްޓަރ ފިލިޕާ ބްރޫމާއި، ކޭބަލް އެންޑް ވަޔަރލަސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޓޯނީ ރައިސްއާވެސް ރައީސް ނަޝީދު އިއްޔެ ބައްދަލުކުރެއްވިއެވެ.

ރައީސް މުޙަންމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރައްވަމުން މިގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރޯޔަލް އޮޓޮމޮބީލް ކްލަބްގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމަންޓް ޝޯކޭސް ސެމިނަރއެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މިސެމިނަރގައި ރައީސް އަރިހުގައި ޑިއުކް އޮފް ޔޯކް ޕްރިންސް އެންޑްރޫވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ރޯޔަލް ކޮމަންވެލްތް ސޮސައިޓީގައި ރައީސް މުޙަންމަދު ނަޝީދު މިއަދު ތަޤްރީރު ކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.