މިސަރުކާރުން މިހާތަނަށް ޒުވާނުންނަށް 76،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މާޅޮސްމަޑުލު އުތުރުބުރީ އަލިފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 18 އަހަރުން މަތީގެ ކޮންމެ ޒުވާނަކަށް ގެދޮރުވެރިކަން ހޯދައިދިނުމާއިއެކު ވަޒީފާއަށް ބޭނުންވާ 18 އަހަރުން މަތީގެ ކޮންމެ ޒުވާނަކަށް ވަޒީފާގެ ފުރުސަތު ވެސް ފަހިކޮށްދެއްވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުގެ އަމާޒަކީ އަބަދުވެސް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުންކަން ފާހަގަކުރެއްވިއެވެ.

ރައްޔިތުން ބޭނުން ވަނީ ތަރައްޤީކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިދައުރުގެ ތެރޭގައި ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާ ފަދަ ދާއިރާތައް ތަރައްޤީ ކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. މީގެއިތުރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވައި ކުރިއަށް އޮތް ދައުރުގައި މަސްވެރިކަމުގެ ސިނާއަތަށް އަމާޒު ކުރައްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިއަދު ހެނދުނު ރ. އަލިފުށީގައި ބޭއްވެވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އަލިފުށީގެ ތަރައްޤީއާއި، ރަށުގެ ރައްޔިތުންގެ ލާބަޔާއި، މަންފާއަށް ކުރެއްވުމަށް ރާއްވަވާފައިވާ މުހިންމު ބައެއް ކަންކަމުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ  ތިން ދުވަހުގެ މިދަތުރުފުޅު ފެއްޓެވީ މިއަދު ހެނދުނެވެ.